ނޭޕާލްގެ ބިންތައް ޗައިނާއިން ހިފަމުންދާ ކަމަށް ބުނެ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.
ބުދަދުވަހު މުޒާހަރާ ކުރި މީހުން ތިބީ ބެކް އޮފް ޗައިނާ ހޭޝްޓެގް ޖެހި ބޯޑުތައް ހިފައިގެންނެވެ. މިމީހުން މުޒާހަރާ ކޮށްފައި ވަނީ ނޭޕާލްގެ ހުމްލާ ޑީސްޓްރިކްޓްގައި ލާޗްޕާ ބާގަރް އޭރިއާގައި ނުވަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ހެދުމުގެ ތެރޭގައި ޗައިނާއިން ބިންތައް އިތުރު ކޮށްފައިވާތީ އެކަމާ ދެކޮޅަށެވެ.
މިކަން އިތުރަށް ގޯސްވެގެން ގޮސްފައި ވަނީ އެދުވަހު ހެނދުނު އެހިސާބުގެ ޗީފް ޑިސްޓްރިކްޓް އޮފިސަރ، ޗިރާންޖީބީ ގިރީ އެހިސާބު ގަނޑު ބަލާލަން ދިއުމުން ޗައިނާގެ ސެކިއުރިޓީން އެއީ އެމީޙުންގެ ބިމެއްކަމަށް ބުނެ އޭނާ އެތަނުން ފޮނުވާ ލުމާ ގުޅިގެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން އިން ދަނީ މި ބިންތައް އެމީހުންގެ އަމިއްލަ ބިންތައް ކަމަށް ހަދައި، އެތާގައި ނުވަ ބިލްޑިންގއެއް ބިނާ ކުރަމުންނެވެ.
ނޭޕާލްގެ އެކަހެރިކޮށް އޮންނަ ލާޕްޗާ ލީޕޫ ރީޖަން އަކީ އެހިސާބުގެ ވެރިކަން ބަލަހައްޓާ ސިޓީގެ އަޅާލުން އޮންނަ ތަނެއް ނޫނެވެ.
ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މި މައްސަލަ ހޯމް މިނިސްޓްރީއަށް ފޮނުވުމުން އެ މިނިސްޓްރީން ވަނީ މައްސަލަ ފޮރިން މިނިސްޓްރީއަށް ފޮނުވާފައެވެ.
ޗައިނާއިން ނޭޕާލްގެ 33 ހެލްޓަރުގެ ބިން ހިފާފައިވާ ކަމަށް ބެލެވެއެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ސާރވޭ އިން ދައްކަނީ ޗައިނާއިިން ނޭޕާލްގެ ސަރަހައްދު މަތީ 11 ތަނަކަށް އަތް ގަދަކޮށްފައިވާ ތަނެވެ. އެ އިދާރާއިން ވަނީ މިތަންތަން ޑޮކއުމެންޓް ކޮށްފައެވެ.