ހއ. އިހަވަންދޫގެ މަގުތައް ތާރު އަޅައިގެން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އާރުޑީސީގެ އިސް ބޭފުޅުންގެ އިތުރުން އިހަވަންދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާރުޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިމި އަދި ބޭނުންވާ މުވައްޒަފުންވެސް ނެގުމަށްފަހުކަމަށެވެ.

ކުރީގެ ސަރުކާރުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. އަދި މި ދިޔަ އަހަރު އޭޕްރިލްގައި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށެވެ.