ބޭންކް އޮފް މޯލްޑިވްސް އިން، ކްރެޑިޓްކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަަށްކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާ އިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ހާމަކޮށްފައި ވަނީ ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމަނީ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިޔާތަކުން ފަތުރަމުންދާ ހަގީގަތާ ހިލާފު ހަބަރާ ގުޅޭ ގޮތުން ދާދި ދެންމެއަކު ދިވެހިރާއްޖޭގެ މާލީ ވުޒާރާ (ފިނޭންސް މިނިސްޓްރީއިން) ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކްރެޑިޓްކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެވުޒާރާއަށް ދީފައިވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މަސައްކަޔް ކުރަންމުންދާކަން ފާހަގަކޮށްފައިވެއެވެ.
މާލީވުޒާރާއިން ބުނެފައިވަނީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހިރާސްތައް ކުޑަކޮށް ބޭރު ފައިސާ ލިބުން ފަސޭހަ ކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަަމަށާއި އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މިސަަރުކާރުން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާކަމަށެވެ.
އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ހަބަރުފަތުރާ ގިނަ ނޫސްތަކަކުން، ބީއެމްއެލް އަށް ޑޮލަރު ލިބުމުގެ ދަތިކަން ދިމާވުމުގެ ސަބަބުން އެ ކުންފުނިން ވަނީ މި ހާލަތަށް ބަދަލެއް އަންނަންދެން ކާޑު ތަކުގެ ޑޮލަރު ލިމިޓް ކުޑަކުރުމަށް ނިންމާފައިވާކަމަށް ބުނެ ފެތުރި ހަބަރުތަކަކީ ތެދު ހަބަރުތަކެއް ނޫންކަމަށް މާލީ ވުޒާރާއިން މިވަނީ ކަށަަވަރުކޮށްދީފައެވެ. އަދި ހަމައެހެންމެ ޑެބިޓް ކާޑުގެ ލިމިޓު 25 ޑޮލަރަށް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 75 ޑޮލަރަށް ކުޑަކުރަން ނިންމާފައިވާ ކަމަށް މީޑިޔާ، އޮންލައިން ނޫސްތަކުން ރިޕޯޓްކުރުމާ ވިދިގެން އެތަކެއް ރައްޔިތުންގެ ކަންބޮޑުވުން ދުރުކޮށްދީ، އެފަދަ ގޮތަކަށް ކާޑު ލިމިޓް ނުކުރާކަމަށް ބޭންކުން ފިނޭންސަށް ޔަގީންކޮށް ދިންކަން ހާމަކޮށް އެއީ ދޮގުމައުލޫމާތުތަކެއްކަން އެ ވުޒާރާއިން ވަނީ ހާމަކޮށްދީފައެވެ.