އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ހަވާސާގައި ކުރެއްވި ޒިޔާރަތެކެވެ.

މި އިޙްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ އެކުވެރި އަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސާއި އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގުތިސާދާ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.