ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ލައްވައިފި އެވެ.

ކުރިއަށް އޮތް ވިހި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރަނީ ހަތަރު ދާއިރާ އަކަށެވެ. އެ ހަތަރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ؛

  • މަކުނުދޫ ދާއިރާއަށް: ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله، މަލްހާރު، މ.ކޮޅުފުށި
  • ވައިކަރަދޫ ދާއިރާއަށް: ޙުސައިން ޘަޤީފް، ހިސާން، ހދ. ވައިކަރަދޫ
  • އިނގުރައިދޫ ދާއިރާ: އިސްމާޢީލް ޢަލީ، ދެކުނުގެ، ރ.އިނގުރައިދޫ
  • ފުނަދޫ ދާއިރާ: ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އިސްމާޢީލް ޙަމީދު، އިތާ ރ-18/04, ހުޅުމާލެ

މިހާރު ހިނގަމުންދާ ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި އަދާލަތުން ނުވަ ދާއިރާއަކަށް ވާދަކުރި އެއްވެސް ދާއިރާއެއްގެ ގޮނޑި އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.

މިހިނގަމުންދާ ނަވާރަ ވަނަ މަޖިލިހަށް ވާދަކުރި ދާއިރާތަކަކީ ކެލާ ދާއިރާއާއި ގައްދޫ ދާއިރާއާއި މަކުނުދޫ ދާއިރާއާއި ވައިކަރަދޫ ދާއިރާއާއި މަހިބަދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާއާއި ކާށިދޫ ދާއިރާއާއި މުލަކު ދާއިރާ އަދި ނިލަންދޫ ދާއިރާ އެވެ. އަދި މީގެ ކުރިން އޮތް 18 ވަނަ މަޖިލީހުގައި އަދާލަަތަށް ލިބުނު ގޮނޑިއަކީ އަނާރާ ނަޢީމް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ގޮނޑިއެވެ.

މިއަހަރު މަޖިލިސް އިންތިޚާބު މާރިޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހުނު ނަމަވެސް އެ ދުވަސް ރޯދަމަހާއި ދިމާވާތީ އިންތިޚާބު ވަނީ ރޯދަމަށް ނިމި، ދިހަ ދުވަސް ފަހުން ބާއްވާ ގޮތަށް ފަސް ކޮށްފައެވެ.