ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ކުރިއަށް އޮތް ދިރާސީ އައު އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ކިޔަވައިދެއްވާން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ރައީސްއޮފީހުން އާންމުންނަށް ހުޅުވާލައިގެން ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވާ ގޮތަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ލ އަތޮޅު މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިހާ ރަފީއު ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުންނެވެ.

ޒުލައިހާގެ ސުވާލުގައި ރައީސަށް ދެންނެވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ލ. އަތޮޅުގެ ސްކޫލުތަކުގައި ގައުމިއްޔަތުމާއްދާ ކިޔަވައިދެއްވަން ފަށްޓަވާނީ ކޮންއިރަކު، ކޮން ތާރީހެއްގައިތޯ އޮޅުންފިލުވުމުގެ ގޮތުން ހުށަހެޅުއްވި ސުވާލެކެވެ.

ޒުލައިހާގެ އެ ސުވާލަށް ޖަވާބުދެއްވަމުން، ބައެއް ސްކޫލްތަކުގައި މިހާރު ގައުމިއްޔަތު މާއްދާގައި ކިޔަވައިދެއްވަމުން ގެންދަވަނީ ޕައިލެޓް ޕްރޮޖެކްޓް ފޭސް ތަކެއްގެ ގޮތުގައިކަމަށް ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ މަސައްކަތް ނިމުމުން، ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ކިޔަވައިދެއްވަން ފައްޓަވާނެކަމަށެވެ.

"މިހާރު ގައުމިއްޔަތު މާއްދާގައި އެހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކްޓްސް ފޭސް. 11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލެޓް ކުރެއްވުމުގެ މަސައްކަތްތަކެއް ހިނގަނީ. ދެން މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވީޔާ ދެންފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ." ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމާއި ދިވެހި ސަޤާފަތަށް ލޯބި ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ރިޔާސީ ވައުދުގެ ދަށުން ކިޔަވައިދެއްވަން ނިންމަވާފައިވާ މާއްދާއެކެވެ.

ރަސްމީކޮށް މި މާއްދާ ކިޔަވައިދެއްވުމުގެ ކުރިން އަޖުމަ ބެލުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4 ގެ ދަރިވަރުންނަށް ޕައިލެޓް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ.