ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕާއި، މައްސަލަތައް ހައްލުކުރެއްވުމުގެ އިތުރުން ކަންކަން ނިންމެވުމުގައި ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކޮށް އެކަންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ތަޢުރީފު ކުރައްވައިފިއެވެ.

ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގެ ހަވާސާގައި, އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިއްޔެ ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި އެމަނިކުފާނުގެ ލީޑަރޝިޕަށް ވަނީ ތަޢުރީފުކުރައްވާފައެވެ.

މިބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ވަނީ ބައިނަލްއަގުވާމީ ގޮންޖެހުންތަކާއިއެކު ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނޭ ލޮޅުން ތަކަށް ތައްޔާރުވެތިބުމަށް މާލީ ގޮތުން ގެންނަންޖެހޭ ސްޓްރަކްޗަރަލް ރިފޯމްތަކާއި ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އާ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ، ވިސްނުންތެރިކަމާއެކު މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

އަދިހަމައެހެންމެ، ރައީސް ޑރ މުއިއްޒުގެ އިފްތިތާޙީ ޚިޠާބުގައި ބަޔާންކޮށްފައިވާ ޕަބްލިކް ސެކްޓަރ ރީފޯމް ކުރުމާއި، ސަރުކާރުގެ ކަންކަން ނިންމުމުގައި އެމަނިކުފާނު ގެންގުޅުއްވާ ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ރައީސް މުއިއްޒުގެ އިޤްތިޞާދީ އިސްލާޙީ އެޖެންޑާއަށް އިތުބާރުކުރައްވާކަމަށާއި، މިކަމުގައި ސަރުކާރުން ނިންމާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި އެހީވެދޭނެކަން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.