މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު ބާތިލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

އެ ޕާޓީން މިކަން ދޮގުކުރީ އެ އިންތިހާބު ބާތިލުކޮށްދިނުމަށް އާންމު ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބުނެ އޮންލައިން ނޫހަކުން ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ.

އެގޮތުން އަދާލަތުން ބުނީ އެއީ ދޮގު ހަބަރެއް ކަމަށާއި އެ ޕާޓީގެ ބަހެއް ހޯދުމެއް ނެތި ރިޕޯޓު ކުރުމަކީ ހިތާމަކުރާ އަދި ޕްރޮފެޝަނަލް ނޫސްވެރިކަން ކުރުން ނޫން ކަމަށެވެ.

އަދާލަތުގެ އެތެރޭގެ އިންތިހާބުގައި ވަނީ އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވީ އެ މަގާމު މިހާރުވެސް ފުރުއްވަމުން ގެންދަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވި އަހްމަދު ޝަރީފް އެވެ.