މާފަންނު ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެޕޮލްމެންޓަށް ކޮންމެ މަހަކު ހިންގާ ޕްރޮގްރާމުގެ ތެރެއިން ފެބުރުވަރީ މަހަށް ހާއްސަކޮށްގެން، އިޝާރާތުގެ ބަހުން ވާހަކަ ދެއްކަން ދަސްކޮށްދިނުމުގެ ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މާފަންނު ޕޮލިހުގެ އިސްނެގުމުގެ މަތިން، މަރްޔަމް ޝަހުދާ އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެން މި މަހުގެ 8 އަދި 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ކުލާސްތަކުގައި، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތުކުރާނެ ގޮތާއި، އެފަދަ މީހަކު ފުލުހުންނަށް މައްސަލައެއް ހުށަހެޅުމުން އިތުރު މައުލޫމާތު ސާފުކުރާނެ ގޮތް އަދި އެފަދަ މީހަކު ހައްޔަރުކުރިކަން އިޝާރާތުން ބުނެދިނުމަށް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، ފުލުހުންގެ މަސައްކަތާ ގުޅުންހުރި އެފަދަ ހަރަކާތްތައް ދަސްކޮށް ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި މާފަންނު ޕޮލިހުގެ 66 މުވައްޒަފުން ދެ ސެޝަންގައި ބައިވެރިވެފައިވެއެވެ. އަދި 15 މުވައްޒަފުން އެއް ސެޝަންގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރެސްޕޯންސް އެންޑް ޕެޓްރޯލް ޔުނިޓުގެ މުވައްޒަފުންނާއި، މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ޔުނިޓާއި، ނެއިބަހުޑް ސަޕޯޓް ޔުނިޓު އަދި އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން ބައިވެރިވިއެވެ.

ފުލުހުން ބުނިގޮތުގައި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ ފަރާތުން މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އަޑުއިވުމާ އަދި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި ހަތަރު ބޭފުޅުންނެވެ.

އަދި މި ޕްރޮގްރާމަށްފަހު، މި ބަސް އިތުރަށް ދަސްކުރަން ބޭނުންވާ މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްދަނީ ކުރެވެމުން ކަމަށްވެސް ފުލުހުން ބުންޏެވެ.