އއ. ރަސްދޫގައި، މިއަހަރުތެރޭގައި އިންޑޯ ކޮމްޕްލެކްސްއެއް އަޅަން ފަށާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ރަސްދޫ ކްލަބް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ކުރިއަށް ގެންދާއިރު އިންޑޯ ކޮމްޕްލެކްސްތައް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ރާފިއު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ކުޅިވަރުންވެސް ފައިދާވާނެގޮތެއްގައި ރާވާ ކުރިއަށް ގެންދަން ޖެހޭކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ހާމަކުރައްވައި ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ އެކި ސަރަހައްދުގައި ބައިނަލްއަގުވާމީ އެކި މުބާރާތްތައް ބޭއްވުމަކީ ރާއްޖޭގެ އިގްތިސާދަށް ކުޅިވަރުން ފައިދާވާނެ މަގުފަހިވާނެ ގޮތެއްކަމަށެވެ. އެގޮތުން ވަޒީރު ރާފިއު ވިދާޅުވީ އެކަމަށްޓަކައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރަންޖެހޭކަމަށެވެ.

އއ. ރަސްދޫއަކީވެސް ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވާ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މިއަހަރުގެ ތެރޭ އެރަށުގައި އިންޑޯ ކޮމްޕްލެކްސްއެއް ތަރައްގީ ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ހުއްޓިފައި އޮތް ވޮލީކޯޓުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އއ ރަސްދޫ ކައުންސިލް ރައީސް މުހައްމަދު ނާހިދު "ހަލި"ނޫހަށް ވިދާޅުވީ، ރަސްދޫއަކީ ކުޅިވަރުގެ ރޫހު ވަރަށް ވަރުގަދަ ރަށެއްކަމަށެވެ. ނަމަވެސް ރަށުގައި އިންޑޯކޮމްޕްލެކްސް އެއް ނެތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާކަމަށްވެސް ކައުންސިލްރައީސް ނާހިދު ވިދާޅުވިއެވެ. ހާއްސަކޮށް ވިއްސާރަ މޫސުމެއްގައި ވާރޭވެހޭދުވަހެއްނަމަ ކިތަންމެ މުހިންމު މުބާތާތެއް ނަމަވެެސް ހުއްޓާލަން ޖެހޭ ކަމަށާއި އެއީ ރަށުގެ ރައްޔިތުންގެ ހާއްސަކޮށް ޒުވާންކުޅުންޔެރިންގެ ކަންބޮޑުވުމެއް ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް ނާހިދު ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ރާފިއު މިއަހަރުގެ ބަޖެޓުގައި ރަސްދޫގައި އިންޑޯކޮމްްޕްލެކްސް އެއް އެޅުމަށް ހިމަނާފައިވާކަމަށާއި މިއަހަރުތެރޭގައި މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވުމަކީ ރަށުގެ ކުދިބޮޑު އެންމެނަށްވެސް ވަރަށް އުފާވެރިހަބަރެއްކަމަށާއި ހާއްސަކޮށް ޒުވާނުން ތިބީ މިކަމާ ވަރަށް އުފާވެފައިކަމަށެވެ. ނާހިދު ވިދާޅުވީ ރަސްދޫއަކީ ކުޅިވަރުގެ ރޫހުވަރަށް ބޮޑަށް އޮންނަ ރަށެއް ކަމަށާއި ހާއްސަކޮށް ހޭންޑްބޯލް، ފުޓްސަލްމުބާރާތްތަކާއި، ފުޓްބޯޅަ ފާހަގަކޮށްލެވޭ ކަމަށެވެ.