މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާ ދޯނިތައް ނަގަން އަންގާ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ރައީސްއޮފީހުން އާންމުންނަށް ހުޅުވާލައިގެން ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވާ ގޮތަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.މަޑިފުށީ، ތަރިވިދާގޭ، އަހްމަދު އިބްރާހީމް، ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުންނެވެ.

އޭނާއަކީ އޮޑިދޯނި ފަހަރު ދުއްވައިގެން ކައިބޮއި އުޅޭ ނުވަތަ އާމްދަނީ ހޯދާ މީހެއްކަން ފާހަގަކުރުމާއެކު، އަހްމަދު އިބްރާހީމް ރައީސް ޑރ މުއިއްޒަށް ހުށަހެޅުއްވީ މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތަކެވެ.

މާލޭ ފަޅު ތެރޭފައި ހުން ފައްތިޔާދޯނިތައް ނަގަން އަންގާއިރު އެ ދޯނިތައް ދެން ގެންދާނެ ތަނެއް އެއްވެސް ސަރުކާރަކުން ދައްކާފައިނުވާ ކަމަށް ފާހަގަކޮށް އަހުމަދު ބުނެފައި ވަނީ ދޯނިތައް އެތަނުން ނަގަން އަންގާއިރު، ދެން ދޯނިތައް ބަހައްޓާނޭ ތަނެއް ނުދެއްކުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އަހްމަދުގެ މި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު، ރައީސް ވިދާޅުވީ މަޑިފުއްޓަކީ އޮޑިދޯނި ފަހަރު ދުއްވާ ވަރަށް ގިނަ ފަރާތްތައް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި މާލޭގެ ފަޅު ތެރޭގައި މަޑިފުށީގެ ދޯނިތަކުގެ އިތުރުން ގިނަ ދޯނިތައް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

ފަޅު ތެރެއިން އެހެން ޖާގައެއް ހަމަނުޖައްސާ ފަޅުން ނުކުންނަށް ޖެހި، ދާނެ ތަނެއް ނެތިގެން އުޅެން ޖެހުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލު ހޯދުމުގެ މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށާއި ފަޅު ތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ތަނަކަށް ދޯނިތައް ބަދަލު ކުރާނަމަ އެކަން ކުރާނީ މަސައްކަތް ކުރާ މީހުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ކަންތައްތައް ކުރިއަށް ގެންދަވާނީ ކުއްލިއަކަށް އެފަދަ ކަންބޮޑުވުންތައް ކުރިމަތިނުވާނެ ގޮތަކަށް ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.