ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ފާތުމަތު ސައުދާ ފޯމު ހުށަހަޅުއްވައިފިއެވެ.

ކުރިއަށް މި އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލިހުގައި ސައުދާ ވާދަކުރައްވާނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މަޖިލިހުގެ ފ ނިލަންދޫ ދާއިރާއަށެވެ. އިލެކްޝަންސް ކޮމިޝަނަށް ސައުދާ ފޯމް ހުށަހެޅުއްވީ ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކާ އެކުގައި އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެންނެވެ. ސައުދާ ފޯމް ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާއަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވެވި ސައުދާ ވަނީ ސައިކޮލޮޖީން މަތީ ތައުލީމް ހާސިލް ކުރައްވައިފައެވެ. ސައުދާއަކީ ރައީސް ޑރ. މުއިއްޒުގެ ހުންނެވި ހަމައެކަނި ކޮއްކޯފުޅެވެ.

ސައުދާއަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެކަކެވެ. ދެން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ މާފަންނު މެދު ދާއިރާ އަށް ކުރީގެ އެ ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ)އެވެ.