ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމްގައި ބައިވެރިވެވަޑައިގެންފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުސަތުތައް ދައްކުވައިދޭ ފޯރަމެކެވެ.
މި ފޯރަމަކީ އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ޚާއްޞަ ފުރުޞަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތެވެ.
ރައީސް އެކުވެރި އަރަބި އިމާރާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.