ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަހްވާމީ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ މުސްތަގްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.
މި ސަމިޓުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.