ދިވެހި އެމްބަސީއެއް ތުރުކީގައި އިއްޔެ ހުޅުވައިފިއެވެ.

މިއީ ތާރީހު ގައިވެސް ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމު ކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.

ތުރުކީއަކީ، ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމު ވެސް މެއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައެވެ.

"'ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައެވެ." ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވެއެވެ.

"ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"އަށް އިނގިރޭސިބަހުން ބޭނުންކުރަންހަމަޖައްސަވައިފައިވާ ރަސްމީ ނަން ތިރީގައި މިވަނީއެވެ.

"Embassy of the Republic of Maldives in the Republic of Türkiye"

ރައީސް އޮފީހުގެ އިއުލާނުގައި ވާގޮތުން، ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" އަށް މިހެން އެޑްރެސްކުރުމާއެކު ނަންބަރަކަށް ޖަހަން ނިންމާފައިވަނީ 499 އެވެ.

ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ގޮތުގައި 22 ކަމެއް ވަނީ ހަމަޖައްސާފައެވެ.