ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެކުވެރި އަރަބި އިމާރާތުގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދެގައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އޭގެ ތެރޭގައި ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެ ދެބޭފުޅުން އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.