ޅ ނައިފަރަށް ކަރަންޓު ދޭ ޖަނަރޭޓަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އެރަށަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވައިފިއެވެ.

ފެނަކަ އިން ނައިފަރަށް ޖަނަރޭޓަރު ސެޓެއް ފޮނުވާފައި މިވަނީ އެރަށުން ނައިފަރުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ކައުންސިލުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނައިފަރު ކައުންސިލުން މިމަހުގެ 1 ވަނަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރަށުގެ އާބާދީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރަށް މައްސަލައެއް ޖެހިއްޖެނަމަ މުޅި ރަށުން ކަރަންޓް ކެނޑުމަކީ އާންމުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އެ ރަށަށް ކަރަންޓް ދޭ ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްބުނެ ނައިފަރު ކައުންސިލުން ވަނީ ފެނަކައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފެނަކައިން މިއަދު ބުނީ ނައިފަރަށް 600 ކިލޯވޮޓްގެ ޖަނަރޭޓަު ސެޓެއް ގެންގޮސްފައިވާކަމަށެވެ. އަދި 2500 ކިލޯވޮޓްގެ ޓްރާންސް ފޯމަރެއްވެސް އެރަށަށް ގެންގޮސް ބެހެްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.