މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން، ހިއްކަންފެށި ކ. ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ވަގުތީގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފިއެވެ.
ހައިކޯޓުން މި ނިންމުން ނިންމާފައި ވަނީ އެފަޅު ހިއްކާ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އާންމު މީހަކު ހުށަހެޅި މައަސަލައަކާ ގުޅިގެންނެވެ.
މި ކަމާގުޅިގެން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ކަމަށެވެ.
އަދި ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
މީގެއިތުރުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގައި ބަލަމުން އަންނަ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުން ހުއްޓުވަން އަމުރުކޮށްފައެވެ