ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަޙައްދުން އެކަނި ނޫންކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ހައުސިންގް ސްކީމެއް ތައާރަފް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރެއިން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން އިންސައްތަ ކަނޑައަޅުއްވާނެ އިރަކާއި ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ، ރ. މީދޫ، ނަރުގިސްވިލާ، ޠާހާ ހުސައިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ޖަވާބުގައި އެމާނިކުފާނު ވަނީ، ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަ ގެދޮރުވެރިކަމުގެ ސްކީމެއް ހިމެނުމަށް މިހާރު ކެބިނެޓުން ނިންމާފައިވާ ކަމަށާ އެކަމާއި ގުޅޭ އޮނިގަނޑުވެސް ފާސްކުރެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމާ ގުޅޭ އެކި ޖަމިއްޔާތަކާއި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާއާއެކު ކެޓަގަރީތަކާއި ޕޮއިންޓް ދޭނެ ގޮތްތައް ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން، ޚާއްސަކޮށް އެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ސަރުކާރުން ވަރަށް އިސްކަން ދޭނެ ބައެއްކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ޚިޔާލާ މަޝްވަރާއާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ އަވަހަށް ފަށްޓަވާ ހައުސިންގ މަޝްރޫޢުގެ ތެރެއިންވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މިއަހަރުގެ ތެރޭ އެ ފުރުޞަތު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުމަކީ ކުރެވޭ އުއްމީދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.