ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފިއެވެ.

ރައީސް، މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި އަރަބި އިމާރާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދުބާއީގައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އިފްތިތާހް ކޮށްދެއްވި ޕްރޮގްރާމެކެވެ.

ރޭގެ ބައްދަލުވުމުގައި ރައީސްވަނީ ބައްދަލުވުމަށް ވަޑައިގެންނެވި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.