އެކުވެރި އަރަބި އިމާރާތުގައި ބޭއްވި ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ކުރެއްވި ތަގުރީރުގައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު ރައީސް އިއުލާން ކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓު 2024ގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ.

މީގެ އިތުރުން، ރައީސް ވަނީ އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައިވެސް ތަގްރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

"އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެކެވެ.

އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހު ކޮށްދެއްވާފައެވެ.