މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނ. ވެލިދޫ ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވެލިދޫ ގެއެއް ބަލައިފާސްކޮށް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ވެލިދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މި މަހުގެ އެގާރަ ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 122 ސެލޯފިންކޮޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެއް ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހްގީގު ކުރަމުންނެވެ