ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރެއް ނެތް ކަމަށް ބަޔާނުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓޫކަލް މިހެން ބުނެފައިވަނީ ރޭގައި ޗެމްޕިއަންސް ލީގުގައި ލާޒިއޯ އަތުން 1-0 އަކުން ބަލިވި މެޗަށްފަހު ދިން އިންޓަވިއުގައެވެ.

"އަހަރެންގެ މަގާމު ގެއްލިދާނެ ކަމުގެ އެއް ވެސް ބިރެއް އަހަރެންގެ ނެތް" ކްލަބުގެ މެނޭޖްމަންޓުން އޭނާއަށް އިތުބާރު ކުރާ ކަން ހާމަކުރަމުން ޓޫކަލް ބުންޏެވެ.

ފަހަކަށް އައިސް ބަޔާންގެ ނަތީޖާތައް ރަނގަޅު ނޫންކަމުގައިވިއަސް ޓޫކަލްއަށް މެނޭޖްމަންޓުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބަޔާންގެ ޑިރެކްޓާރ ކްރިސްޓޮފް ފްރިއުންޑް ވަނީ ހާމަކޮށްފައެވެ.

"އެއްބަސް ވަން ކަންކަން އޮތްގޮތުން ޓޫކަލްއަށް ވަރަށް އުނދަގޫކަން. އެކަމަކު ވެސް އަހަރެމެން އެންމެން މިތިބީ އޭނާއާއެކީ ކްލަބު ރަނގަޅު މިސްރާބަށް އަނބުރާލުމަށް މަސައްކަތް ކުރަން ތައްޔާރަށް" ޓޫކަލްއާ މެދު ކްލަބުގެ މެނޭޖްމަންޓްއިން ދެކޭ ގޮތް ކާމަކުރަމުން ފްރިއުންޑް ބުންޏެވެ.

ޓޫކަލް ބަޔާނާ ގުޅުނީ 2023 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭގެ ފަހުން ޓޫކެލް ވަނީ ބަޔާނަށް ބުންޑަސްލީގާގެ ތަށި ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ފަހަކަށް އައިސް ބަޔާނަށްވަނީ އެންމެ އެދެވޭ ފަދަ ނަތީޖާތަކެއް ނެރެވޭ ގޮތް ނުވެފައެވެ. ރޭގައި ލާޒިއޯ އަތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓީމުން ވަނީ ބަލިވެފައެވެ. އަދި އެޓީމު ވަނީ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ސާބްރޫކެން އަތުން ބަލިވެ ޖަރުމަނު ކަޕަށް އަލްވަދާއު ކިޔަން ޖެހިފައެވެ. ބަޔާން މިވަގުތު އޮތީ ޖަރުމަނު ލީގުގެ ދެވަނައިގައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.