ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޮވިޑު-19 ގެ ވެކްސިން އުފުލާ ދިނުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގައި ފަށާފައިވާ "ކޮވިޑު ވެކްސިނޭޝަން ޕްރޮގްރާމް"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް "ކޮވިޝީލްޑު ވެކްސިން" އުފުލުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދު މުޅި ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ފެށުމަށް ނިންމާފައެވެ. އަދި އުމުރުން 70 އަަހަރުން މަތީގެ މީހުންނަށްވެސް މިއަދު ކޮވިޑު ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ފާއިތުވި ދެ ދަވަހު ރާއްޖެއިން 880 މީހަކަށް ވަނީ ކޮވިޑު ވެކްސިން ދީފައެވެ.