މި އަހަރު ނިމުމުގެ ކުރިން މާލެ އަތޮޅު މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ރައީސްއޮފީހުން އާންމުންނަށް ހުޅުވާލައިގެން ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވާ ގޮތަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް އެމަނިކުފާނުގެ ވައުދުފުޅު ހަނދުމަކުރައްވައި އެއީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކަވައިގެން މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަވަން ވަރަށް މަސައްކަތް ކުރައްވާނެކމަަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،"
ރައީސް ޑރ މުއިއްޒު

މާފުށީގެ ބިން ހިއްކުމާ ގުޅޭގޮތުން ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅާ ގުޅޭގޮތުން ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް ސީދާ މިއަހަރު ތެރޭގައި ނުފެށުނު ނަމަވެސް ވީހާވެސް އަވަހަށް އެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި ދައުރުގެ ފަހު އަހަރަށް މަސައްކަތްތައް ނުބަހައްޓައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ އަދި އެކަމުން އެންމެ ބޮޑު ފައިދާވެސް ލިބޭ އެއް ރަށެވެ.