ފިޝަރީޒް މިނިސްޓްރީ އިން ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ލުއި ލޯނު ސްކީމެއް ތައާރަފްކޮށްފި އެވެ.
މި ސްކީމް ތައާރަފް ކޮށްފައިވަނީ ށ. ކޮމަންޑޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިލޯނު ސްކީމް ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
އެއްވެސް ރަހުނަކާ ނުލާ 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާގޮތަށް ދޫކުރާ މި ލޯނު މީގެ ކުރިން ދޫކުރަމުން އައީ ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ލުއި ލޯނުގެ ސަބަބުން، ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފަރު މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި އަދި އެއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާއަތެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ހަމައެހެންމެ މި ހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސްޕްލާންޓްތަކަށް ވެސް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ
ޝިޔާމް ވިދާޅުވީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ ސަރުކާރުން މަސްވެރިންނަށް ނުދެވިހުރި ފައިސާ އަންނަ ރޯދަމަސް ފެށުމުގެ ކުރިން ދިނުމަށް ކަމުގައެވެ.