އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް ސިއްހީ ނިޒާމު ބައްޓަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ ރައްޔިތުންގެ ސުވާލަށް ސީދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދު ލ. މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ، ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަން ޖެހެނީ ވަރަށް އުނދަގުލުން ކަމަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ދިމާވާ ކަމަކީ އެޕޮއިންޓްމަންޓް ނުލިބި މާ ބޮޑަށް ލަސްވުން ކަމަށާއި އެ ނިޒާމު ރަނގަޅު ކުރަން ކުރަނީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލު ކުރިއެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެހެންކަމުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށާއި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް ސިއްހީ ނިޒާމު ބައްޓަންކުރަން މަސައްކަތް ކުރެވެމުންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.