ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ގައުމު ފަހުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ގައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަހުލާގާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިޙުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެބޭފުޅުން ދިވެހި މުޖުތަމަޢު ހަރުދަނާކުރުމަށް ކުރައްވާ ހިދުމަތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.