ގަވާއިދުން ބޭރުން މާލޭ ސަރަޙައްދުގެ މަގުތަކުގައި ޕާކް ކޮށްފައި ހުރި ގިނަ ދުވަސްވީ ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މާލޭ ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގައި ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މިއަދު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރިކުރުން 25 އުޅަނދަށް ތިރިކޮށްފައެވެ.