ސްކޫލު ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުން ތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭންޕުގެ 102 ވަނަ ކޭންޕު އިމާދުއްދީން ސްކޫލުގައި ބާއްވައިފިއެވެ.

މި ކޭންޕު ނިންމުމަށް އިއްޔެ އިމާދުއްދީން ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.

ފުލުހުން ބުނިގޮތުގައި މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާ، މާލެ އޭރިއާ 3 ގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ނަބީލް، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަލީ، މާލެ ސިޓީ މޭޔަރ އާދަމް އާޒިމް، އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހު އަދި ފުލުހުުންގެ ކޮމިޝަންޑު އޮފިސަރުންނާއި އިމާދުއްދީން ސްކޫލުގެ އިސްވެރިނާއި ފުރާވަރު ކޭންޕުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުން ކިޔުއްވި އަޒުމަކީ ވަރަށް އިހުލާސްތެރި އަޒުމެއް ކަމަށާއި ވަރަށް ބާރުހުރި އަދި ރޫހު ހުރި ރާގެއްގައި ހިތާއި ދުލުން ފާޅުކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންނަކީ އަޒުމުގެ މަތީގައި ސާބިތުވެ ތިބޭނެ ދަރިވަރުން ކަމަށާއި ދަރިވަރުންނަށް އައިސްފައިވާ ހެޔޮ ބަދަލު އަޑުންނާއި ތަރުތީބުތަކުން ފާހަގަކުރެވޭ ކަމަށާއި އެ އަޒުމް މަތީގައި ސާބިތުވެ ތިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޭންޕުގައި ބައިވެރިވި ދަރިވަރުންނަށާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް، މި ރަސްމިއްޔާތުގައި ސެޓުފިކެޓް ހަވާލުކޮށްފައިވެއެވެ.

މި މަހުގެ 15 އިން 17 އަށް އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެ ސްކޫލުގެ ގްރޭޑް 7 އިން 9 އަށް ތައުލީމު ހާސިލުކުރަމުންދާ 110 ދަރިވަރުން ބައިވެރިވިއެވެ.