ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޒު ކަށިމާ އަޙްމަދު ޝާކިރު އައްޔަން ކުރައްވައިފިއެވެ.

ރައީސް އެ މަގާމަށް ބޭފުޅަކު މި އައްޔަންކުރެއްވީ، ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ބަދަލުގެ އިތުރުން، ގައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާއީލް ޢަލީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް،14 ޑިސެންބަރު 2023 ގައި ޢައްޔަން ކުރެއްވުމާ ގުޅިގެން، އިބްރާހީމް އިސްމާއީލްގެ ބަދަލުގައި، އެކޮމިޓީގެ މެންބަރު ކަމަށް ރައީސް ވަނީ ބޭފުޅަކު އައްޔަންކުރައްވާފައެވެ.

އެ ބޭފުޅަކީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރެވެ.