ލަލީގާގައި ރެއާލް މެޑްރިޑް އަދި ރާޔޯ ވެލެކާނޯ ބައްދަލުކުރި މެޗު 1-1 އަކުން އެއްވަރުކޮށް, ވެލެކާނޯއިން ވަރުގަދަ ރެއާލް ހިފަހައްޓާލައިފިއެވެ.

ވެލެކާނޯގެ އެސްޓާޑިއޯ ޑީ ވެލެކާސްގައި ކުޅުނު މެޗަށް ނިކުތްއިރު ރެއާލުން އޮތީ ވަރަށް ފޯމުގައެވެ. އެޓީމުން އޮތީ ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗުން ބަލިނުވެއެވެ.

ރޭގެ މެޗު ރެއާލުން ފެއްޓީ ވަރުގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, ފެޑެރިކޯ ވަލަވާޑޭ ފަހިކޮށްދިން ފުރުސަތަކުން, ޖޮސެލޫއެވެ.

ޖޮސެލޫގެ ލަނޑަށް ފަހު ވެލެކާނޯއިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ޑީ ތޯމަސްއެވެ. ތޯމަސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންކުރެ އެއް ޓީމަކަށް ވެސް ލީޑު ނެގުމަށް އެންމެ އެދެވޭ ފަދަ ފުރުސަތުތަކެއް ފަހި ކުރެވިފައެއް ނުވެއެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ރެއާލްގެ ޑެނީ ކަރަވަހާލްއަށް ދެއްކި ރަތް ކާޑާއެކު ރެއާލްއަށް މެޗު ނިންމާލަން ޖެހިފައިވަނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ.

މެޗުން އެއްވަރުވި ނަމަވެސް ލީގުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެޓީމު ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ, ކުޅުނު 24 މެޗުން ލިބުނު 56 ޕޮއިންޓާއެކު, ޖިރޯނާއެވެ. ރެއާލް ހިފަހައްޓާލި ވެލެކާނޯ އޮތީ ކުޅުނު 25 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.