ނ. މާޅެންދުއާއި މިލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ދެ ރަށުގައި ގާއިމުވެތިބެ ހުދުމަތްދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް މާޅެންދުއާއި މިލަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއާއި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މާޅެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި މާޅެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ހަސަންއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަަކަ ފުޅުގައި، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި މިލަދޫ ކައުންސިލުގެ ރައީސް އަބްދުލް މަޖީދު މުހައްމަދުއެވެ.

މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަ ފުޅުގައި، ކުށްމަދު އަމާން، ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށަކަށް މިލަދޫ ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާފަދައިން ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއިމާލުން ގުރުބާންވަމުންދާ ބައެއްކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ދިވެހިރާއްޖެއަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ހަދައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުންކަމަށް ވެސް ވިދާޅުވިއެވެ.

މާޅެންދޫ އަދި މިލަދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.