ޒަބީ އެލޯންސޯ, ބަޔާ ލެވަކޫސަންގެ ކޯޗުކަމުގެ މަގާމުގައި ހުރެގެން އެކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕު ބުނެފިއެވެ.
ޔާގަން ކްލޮޕު މިހެން ބުނެފައިވަނީ އޭނާ މިސީޒަން ނިމުމުން ލިވަޕޫލު ދޫކޮށްލުމުން ޒަބީ އެލޯންސޯ އޭނާގެ މަގާމަށް ގެނައުމަށް އެޓީމުގެ ސަޕޯޓަރުން ބޭނުންވެފައި ތިބި ދަނޑިވަޅެއްގައެވެ.
"ޒަބީ އެކްލަބުގެ ކޯޗުކަމުގައި އެމަސައްކަތް ކުރަނީ ވަރަށް ރަނގަޅަށް. ކުރިން ފުޓުބޯޅަ ކުޅެފައި ހުރި މީހެއް ކަމުން އޭނާއަށް ޓީމު ރާވާލައިގެން ރަނގަޅަށް ކުޅެން އެނގޭ. އޭނާގެ ބެލުމުގެ ދަށުގައި އެޓީމު އެކުޅެނީ ވަރަށް ރީތި ފުޓުބޯޅައެއް" ބްރެންޓްފޯޑާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ކްލޮޕު ބުންޏެވެ.
ޒަބީ އެލޯންސޯ މިވަގުތު ކޯޗު ކޮށްދެމުންދާ ލެވަކޫސަން އޮތީ ޖަރުމަނުގެ ބުންޑަސްލީގާގެ އެއްވަނައިގައެވެ. އެޓީމު އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ބަޔާނަށްވުރެ 8 ޕޮއިންޓު ކުރީގައި އޮވެގެންނެވެ. ލެވަކޫސަން މިސީޒަނުގައި އެއްވެސް މެޗަކުން އަދި ބަލިވެފައި ނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ލެވަކޫސަންއަށް ޒަބީގެ ބެލުމުގެ ދަށުގައި ލިބެމުންދާ ކާމިޔާބީތަކާއި ގުޅިގެން އޭނާ ވަނީ މިސީޒަނު ނިމުމުން ކްލޮޕުގެ ބަދަލުގައި ލިވަޕޫލުގެ ކޯޗަށް އައްޔަނު ކުރުމަށް ލިވަޕޫލުން އެންމެ ބޮޑަށް ބޭނުންވާ ފަރާތަށް ވެފައެވެ. އެގޮތުން ލެވަކޫސަންއިން ވަރުގަދަ ބަޔާން 3-0 އަކުން ބަލިކޮށްލި މެޗު ބަލަން ލިވަޕޫލުގެ ސްކައުޓުން ތަކެއް ދިޔަ ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
ލިވަޕޫލުން އޭނާ އެކްލަބަށް ގެނައުމަށް ބޭނުންވާ ކަން ދައްކަމުންދާ ކަމުގައިވި ނަމަވެސް ޒަބީ އެލޯންސޯ އެކަމާ ބެހޭ ގޮތުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. ރިޕޯޓަރެއް ޒަބީ ކައިރީގައި ލިވަޕޫލަށް ދާން ޝައުގު ހުރިތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ މިވަގުތު އޭނާގެ ޒިންމާއަކީ ލެވާކޫސެން ކަމަށާއި, ކުރިއަށް އޮތް ސީޒަންތަކުގައި ވެދާނެ ކަންކަމާމެދު މިވަގުތު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.