އިޓަލީގައި އާ ސަރުކާރެއް އެކުލަވާލެވޭތޯ މަސައްކަތް ކޮށްދިނުމަށް ދިން ދައުވަތު، މާރިއޯ ޑްރެގީ ގަބޫލުފުޅު ކުރައްވައި އެކަމަށް މަސައްކަތް ފަށްޓަވައިފިއެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކްގެ ރައީސްކަންވެސް ކުރިން ކުރައްވާފައިވާ މާރިއޯ ޑްރެގީ ވިދާޅުވީ، އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތަށް ޕާލަމެންޓްގެ ތެރެއިން ބޭނުންވާ ތާއީދު ލިބިވަޑައި ގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

އިޓަލީ ސަރުކާރު ސިޔާސީ ކާރިޘާއެއްގެ ތެރޭގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

މާރިއޯ ޑްރެގީގެ މަސައްކަތުން އެކަމަށް ނިމުމެއް ގެނެވޭނެ ކަމަށް ގިނަބަޔަކު އުންމީދުކުރެއެވެ.

އާ ސަރުކާރު އެކުލަވާލެއްވުމުގެ ޒިންމާ އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ހަވާލު ކުރެއްވުމުން، ނެރުއްވި ކުރު ބަޔާނެއްގައި މާރިއޯ ޑްރެގީ ވިދާޅުވީ، އިގްތިސާދީ ހީނަރުކަމާއި، ކޮވިޑްބަލީގެ ސަބަބުން އިޓަލީ މިހާރު އޮތީ ދަތި އުނދަގޫ ފައްތަރެއްގައި ކަމަށެވެ.

މާރިއޯ ވިދާޅުވީ، އޭނާގެ މަސައްކަތަށް ސިޔާސީ ހުރިހާ ޕާޓީތަކާއި، އިޓަލީގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޕާލަމެންޓް ތެރެއިން ފުރިހަމަ އެހީތެރިކަން ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އިޓަލީގެ ރައީސަށް ވަރަށް އަވަހަށް ޖަވާބެއް އެރުވޭނޭ ކަމަށްވެސް މާރިއޯ ވިދާޅުވިއެވެ. ނަމަވެސް، ސީދާ އެކަމަށް ވަކި ތާރީޚެއް އޭނާ ނުދެއްވައެވެ.

އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، ސާޖިއޯ ޑްރެގީގެ ކިބައިން އެދިވަޑައިގެންފައިވަނީ، ކޮވިޑް-19 ބަލިމަޑު ހާލަތުން އިޓަލީ އަރައިގަތުމަށް މަސައްކަތް ކުރުމަށްޓަކައި "ސިޔާސީނޫން ސަރުކާރެއް" އުފައްދައި ދެއްވުމަށެވެ.

ރައީސް ސާޖިއޯ މަޓަރެއްލާ، މާރިއޯގެ ކިބައިން މިކަމަށް އެދިވަޑައި ގެންނެވީ، އިޓަލީގައި ސަރުކާރެއް އެކުލަވާލުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ފެއިލްވުމާ ގުޅިގެންނެވެ.

އިޓަލީގައި މިހާރުއޮތީ ވަގުތީ ސަރުކާރެކެވެ.