ބ. ހިތާދޫގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު ހިތާދޫގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ހިތާދޫ ކައުންސިލު ރައީސް އަބްދުލްއަޒީޒް މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ހިތާދޫ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަަކަ ފުޅުގައި، ދިވެހި ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލި ކަމެއްނެތި މިކުރާ މަސައްކަތުގެ ބޭނުމަކީ ރާއްޖެއަކީ އެންމެނަށް އަމާން ރައްކާތެރި ތަނަށްކަށް ހެދުންކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުންދަނީ ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.