ކްރިސްޓަލް ޕެލޭސްގެ ކޯޗު ރޯއީ ހޮޖްސަން އެކްލަބުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދީފިއެވެ.

ރޯއީ އަމިއްލައަށް އިސްތިއުފާ ދިނީ އޭނާ މަގާމުން ވަކި ކުރަން ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

76 އަހަރުގެ ރޯއީ, ޕެލޭސްގެ ކޯޗު ކަމުން ވަކިވަނީ ހާލަތުގެ ގޮތުން ކްލަބަށް އެންމެ ފައިދާވާނެ ގޮތަކީ އެއީ ކަމަށް ބަލާފައިކަމަށް އޭނާ ވަނީ ބުނެފައެވެ.

"މިކްލަބަކީ އަހަރެންގެ ހިތުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ ކްލަބެއް. މިކްލަބަށް ކޯޗުކަން ކޮށްދެން ފުރުސަތު ލިބުމަކީ އަހަރެން ވަރަށް އުފާވާ ކަމެއް. ނަމަވެސް ހާލަތުގެ ގޮތުން ކްލަބުގެ ކޯޗުކަމުން އަޅުގަނޑު ދުރުވާން ޖެހޭ ކަމަށް ގަބޫލުކުރަން" މަގާމުން އިސްތިއުފާ ދިން ކަމަށް އިއުލާނުކުރަމުން ރޯއީ ބުންޏެވެ.

ކްރިސްޓަލް ޕެލޭސްގެ ޗެއާމެން ސްޓީވް ޕެރިޝް ވަނީ ރޯއީއަށް އޭނާ އެކްލަބަށް ކޮށްދިން ހިދުމަތައް ޝުކުރު އަދާކޮށްފައެވެ.

"މިކްލަބުގައި ރޯއީ އަކީ ވަރަށް ހާއްސަ ބޭފުޅެއް. ދުވަހަކު ވެސް އެކަން ބަދަލެއް ނުވާނެ" ރޯއީ ކްލަބަށް އަލްވަދާއު ކިޔުމާ ގުޅިގެން ޕެރިޝް ބުންޏެވެ.

ރޯއީ ކްލަބުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމާއެކު އެކްލަބުން ވަނީ ކުރިން ޖަރުމަނުގެ ކްލަބެއް ކަމުގައިވާ ފްރޭންކްފާޓުގެ ކޯޗުކަމުގައި ހުރި 49 އަހަރުގެ އޮލިވާ ގްލެސްނާ ކްރިސްޓަލް ޕެލޭސްގެ ކޯޗު ކަމަށް އައްޔަނުކޮށްފައެވެ. އޮލިވާ ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކްލަބުގައި މަޑުކުރާނެ ކަމަށް އެއްބަސްވެ ކޮންޓްރެކްޓުގައި ސޮއި ކޮށްފައެވެ.

އޮލިވާގެ އިރުޝާދުގެ ދަށުން ޕެލޭސް ނިކުންނަ އެންމެ ފުރަތަމަ މެޗުގައި އެޓީމުން ކުޅޭނީ ބާންލީއާ ދެކޮޅަށެވެ.