ނަޕޯލީގެ ކޯޗު ވޯލްޓާ މަޒާރީ މަގާމުން ވަކިކޮށްފިއެވެ.
ވޯލްޓާ މަގާމުން ވަކި ކުރީ ފާއިތުވި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޖެނޮއާ އަތުން އެއްވަރުވި މެޗަށް ފަހުއެވެ. އޭނާ މަގާމުން ވަކި ކުރީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވަރުގަދަ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް 48 ގަޑިއިރަށް ވެފައިވަނިކޮށެވެ.
ވޯލްޓާ މަގާމުން ވަކިކުރީ ނަޕޯލީއަށް އޭނާގެ ދަށުގައި ރަނގަޅު ނަތީޖާތައް ނެރެވޭ ގޮތް ވެފައި ނުވާތީއެވެ. ނަޕޯލީ އޮތީ އިޓާލިއަން ލީގުގެ 9 ވަނައިގައެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ނަޕޯލީ އޮތީ އެއްވަނައިގައި އޮތް އިންޓާ މިލާނަށްވުރެ 27 ޕޮއިންޓް ފަހަތުގައެވެ.
ވޯލްޓާ ނަޕޯލީގެ ކޯޗު ކަމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އޭނާ ކޯޗު ކަމަށް އައްޔަނު ކުރީ މިސީޒަނު ފެއްޓި އިރު ނަޕޯލީގެ ކޯޗުކަމުގައި ހުރި ރުޑީ ގާސިއާއަށް އެންމެ އެދެވޭ ފަދަ ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުންނެވެ. ކްލަބުގެ ހާލަތު ބަދަލުކުރުމަށް ގެނައި ވޯލްޓާ ނާކާމިޔާބުވުމާއެކު އޭނާއަށް ވެސް ވަނީ ކްލަބަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
ވޯލްޓާ ނަޕޯލީގެ ކޯޗު ކަމުގައި ހޭދަ ކުރި ތިން މަހުގައި އެކްލަބަށް ކޮށްދިން ހިދުމަތައް ނަޕޯލީގެ އިސްވެރިޔާ އޯރެލިއޯ ޑީ ލިރެންޓޭ ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
"ވޯލްޓާއަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. ކްލަބު މިހާ ފުން ވަޅުގަނޑެއްގައިވި ދަނޑިވަޅެއްގައި އޭނާ ވަނީ ކްލަބަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފަ" ވޯލްޓާއާ ބެހޭ ގޮތުން ވާހަކަދައްކަމުން އޯރެލިއޯ ބުންޏެވެ.
ވޯލްޓާ ވަކިކުރުމަށް ފަހު ނަޕޯލީއިން ވަނީ ސްލޮވޭކިއާގެ ކޯޗު ކަމުގައިވާ ފްރެންޗެސްކޯ ކަލްޒޯނާ އެކްލަބުގެ ކޯޗު ކަމަށް އައްޔަނުކޮށްފައެވެ. މިސީޒަން ނިމެންދެން ފްރެންޗެސްކޯ ހުންނާނީ ނަޕޯލީގެ އިތުރުން ސްލޮވޭކިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ވެސް ހަވާލުވެގެންނެވެ.