މިސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާ ހަމައެކަނި ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް އިތުބާރުހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.
ފަބްރީޒިއޯ ރޮމާނޯ އިންސްޓަގްރާމްގައި އެމްބާޕޭގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ ރެއާލް ނޫން ކްލަބަކުން އެމްބާޕޭ ގެނައުމަށް އޮފިޝަލް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"އެކި މީޑިއާ ތަކުން, އެމްބާޕޭ ގެނައުމަށް އިނގިރޭސި ބައެއް ކްލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏަސް އެއީ ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން. އެމްބާޕޭގެ ބެލެނިވެރިންނާ ގާނޫނީ ވަކީލުން ވެސް ހަމައެކަނި ވާހަކަތައް ކުރިޔަށް ގެންދަމުންދާ ކްލަބަކީ ރެއާލް" އެހެން ކްލަބަކުން އެމްބާޕޭ ގެންދަން މަސައްކަތް ކުރަމުން ނުދާ ކަން ހާމަ ކުރަމުން ފަބްރީޒިއޯ ބުންޏެވެ.
ރެއާލް މެޑްރިޑުން އެމްބާޕޭ ގެނައުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ފަބްރީޒިއޯ ވަނީ ބުނެފައެވެ. އޭނާ ހާމަކުރި ގޮތުގައި ޖެނުއަރީ މަހުގައި އޮފިޝަލް ކޮންޓްރެކްޓް ޕްރޮޕޯސަލްއެއް އެމްބާޕޭއަށް ރެއާލުން ވަނީ ފޮނުވާފައެވެ. އެކޮންޓްރެކްޓު ފުރިހަމަ ކުރުމުގެ ހުރިހާ މަރުހަލާތަކެއް ނިމުމުން އެމްބާޕޭ ރެއާލްއަށް ސޮއިކުރުން ވަރަށް ގާތް ކަމަށް ފަބްރީޒިއޯ ވަނީ ހާމަކޮށްފައެވެ.