ރާއްޖެއިން މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 742 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 1578 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 1309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 269 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.