މިސީޒަން ނިމުމުން ބަޔާން މިއުނިކް ދޫކޮށްލަން އެޓީމުގެ ކޯޗު ތޯމަސް ޓޫޗެލް ނިންމައިފިއެވެ.

ޓޫޗެލް ކޯޗު ކަމުން ވަކިވާން ނިންމާފައިވަނީ ބަޔާނުގެ ސީއީއޯއާއެކީ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި، ކުރިން 30 ޖޫން 2025 ވަނަ ދުވަހާ ހަމައަށް ބަޔާނުގެ ކޯޗުކަމުގެ ގޮތުގައި ހުންނަން ހަމަޖެހިފައިހުރި ޓޫޗެލްވަނީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހުގައި ކްލަބު ދޫކޮށްލަން ނިންމާފައެވެ. މިނިންމުމަކީ ދެފަރާތުން ވެސް ބޭނުންވާގޮތް ކަމަށް ބަޔާނުގެ ސީއީއޯ ޔޭން ކްރިސްޓެން ޑްރީސެން ވަނީ ބުނެފައެވެ.

"ދެފަރާތުން ވެސް މަޝްވަރާ ކޮށްގެން އަހަރެމެން އެއްބަސްވީ މިއަހަރުގެ ޖޫން މަހު ޓޫޗެލް ބަޔާނުގެ ކޯޗުކަމުން ވަކިވާން. އަހަރެމެންގެ އަމާޒަކީ އާ ކޯޗަކާއެކު ދެން އަންނަ ސީޒަނުގައި އާ އުސްމިންތަކަކަށް ވާސިލުވުން" ޓޫޗެލް މިސީޒަން ނިމުމުން ކްލަބު ދޫކޮށްލަން ނިންމި ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑްރީސެން ބުންޏެވެ.

ސީޒަން ނިމުމުން ވަކިވާނެކަން ޓޫޗެލް ވެސް ވަނީ ޔަގީންކޮށްދީފައެވެ. "ކްލަބުގެ މެނޭޖްމަންޓްއާ ވާހަކަދެއްކުމަށްފަހު މިސީޒަން ނިމުމުން ކްލަބު ދޫކޮށްލަން އަހަރެން ގަސްދުކޮށްފިން. ނަމަވެސް މިސީޒަން ނިމުމާ ހަމައަށް އަހަރެންގެ ފުރިހަމަ އެއްބާރުލުން ކްލަބަށް ލިބޭނެ. އަހަރެންގެ އުއްމީދަކީ ކްލަބު ދޫކޮށްލުމުގެ ކުރިން ކާމިޔާބީތަކެއް ހޯދައިދިނުން" ބަޔާންގެ ކޯޗުކަމުން ވަކިވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓޫޗެލް ބުންޏެވެ.

ޓޫޗެލް ބަޔާނުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭނާ އެމަގާމަށް އައީ ކުރިން ބަޔާނުގެ ކޯޗުގެ ގޮތުގައި ހުރި ޖޫލިއަން ނާގަލްސްމެން އެމަގާމުން ވަކިކުރުމުންނެވެ. ޓޫޗެލް ބަޔާނުގެ ކޯޗުކަމުގައި ހުރެ އެޓީމަށް ބުންޑަސްލީގާގެ ތަށި ވަނީ ކާމިޔާބުކޮށްދީފައެވެ.