ސާރ ޖިމް ރެޓްކްލިފް މެންޗެސްޓާ ޔުނައިޓެޑުގެ 27 އިންސައްތައިގެ ހިއްސާއެއް ގަތުމަށް އެއްބަސްވެއްޖެއެވެ.

ރެޓްކްލިފް ޔުނައިޓެޑުގެ މިހިއްސާ ގަތުމާއެކު މިއީ، 2005 ވަނަ އަހަރަށް ފަހު ގްލޭޒާ އާއިލާ ނޫން ފަރާތެއް ޔުނައިޓެޑުގެ ވެރިޔަކަށްވި ފުރަތަމަ ފަހަރެވެ.

އަންގާރަ ދުވަހުގެ ރޭ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ވަނީ ރެޓްކްލިފް އެކްލަބުގެ ވެރިޔަކަށްވި ކަން ކަށަވަރުކޮށްދީފައެވެ.

"ސާރ ޖިމް ރެޓްކްލިފް ޔުނައިޓެޑުގެ 27 އިންސައްތަ ގަތުމަށް އެއްބަސްވެފައިވާ ކަން އުފަލާއެކު ކްލަބުން ފާހަގަކުރަން. ރެޓްކްލިފު ކްލަބުގެ މިހިއްސާ ގަތުމަށް ޕްރިމިއާ ލީގުގެ އިތުރުން އެފްއޭގެ ރުހުން ވެސް ވަނީ ލިބިފަ" ރެޓްކްލިފް ކްލަބުގެ ވެރިއަކަށްވުމާ ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނުގައި އެކްލަބުން ބުންޏެވެ.

ރެޓްކްލިފް ކްލަބުގެ ހިއްސާ ގަތުމަށް ހެދި އެއްބަސްވުމުން ފުރިހަމަ ކުރީ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. މިހިއްސާ ގަތުމަށް ރެޓްކްލިފް 1.03 ބިލިއަން ޑޮލަރު ހޭދަކުރިކަމަށް ރިޕޯޓުތަކުން ހާމަކުރެއެވެ.

ރެޓްކްލިފް ކްލަބުގެ ވެރިޔަކަށް ވުމާ ގުޅިގެން ކުރިން އެކްލަބުގެ ފުރިހަމަ ހިއްސާ އޮތް ގްލޭޒާ ފެމިލީގެ ޖޮއެލް ގްލޭޒާ ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. "އަހަރެން ބޭނުން ރެޓްކްލިފްއަށް ކްލަބުގެ ވެރިއަކަށް ވީތީ މަރުހަބާ ކިޔަން. ރެޓްކްލިފްއާއެކު މަސައްކަތްކޮށް، ޔުނައިޓެޑުގެ ކުރިމަގު އުޖާލާ ކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް" ރެޓްކްލިފު ޔުނައިޓެޑުގެ ހިއްސާ ގަތުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖޮއެލް ބުންޏެވެ.

ރެޓްކްލިފް ކްލަބުގެ ވެރިއަކަށް ވުމާއެކު ކްލަބުގެ ސަޕޯޓަރުން އަންނަނީ ކްލަބުގެ މެނެޖްމަންޓްއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ރެޓްކްލިފްގެ އައިއެންއޯސީ ގްރޫޕުން އަންނަނީ ޔުނައިޓެޑުގެ ސަޕޯޓަރުން އެދޭފަދަ ބަދަލުތައް ގެނައުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން، މިވަގުތު ނިއުކާސަލްގައި މަސައްކަތް ކުރަމުންދާ ޑޭން އޭޝްވޯތު ޔުނައިޓެޑުގެ ސްޕޯޓިން ޑިރެކްޓާގެ މަގާމަށް އައްޔަނުކުރުމަށް އެގްރޫޕުން އަންނަނީ މަސައްކަތް ކުރަމުންނެވެ.