އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލުޓޮން 4-1 އިން ބަލިކޮށް ލިވަޕޫލުން ތާވަލުގެ އެއްވަމަ ދިފާއުކޮށްފިއެވެ.
ލިވަޕޫލުގެ އެންފިލްޑްގައި ކުޅުނު މެޗަށް ލިވަޕޫލުން ނިކުތީ އިންޖަރީގެ ސަބަބުން, އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ 9 ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ.
މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލިވަޕޫލުންނެވެ. ނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ލޫޓޮންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗީޑޮޒީ އޮގްބީނެވެ. އޮގްބީންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ލޫޓޮން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 56 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯނަރަކުން ފަހިވި ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކެވެ. އޭގެ ދެ މިނެޓު ފަހުން ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ލިވަޕޫލުން އެޓީމުގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކޮލަމްބިއާގެ ތަރި ލުއީސް ޑިއާޒެވެ. ލިވަޕޫލުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކުރީ އިނގިރޭސި ވިލާތުގެ ޒުވާން ތަރި ހާވީ އެލިއޮޓްއެވެ.
މެޗުން މޮޅުވުމާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓިގެ ފަރަގެއް ގާއިމު ކުރެވިފައެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 56 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީއެވެ. ތިންވަނައިގައި އޮތީ ކުޅުނު 25 މެޗުން 55 ޕޮއިންޓު ހޯދާފައިވާ އާސެނަލްއެވެ. މެޗުން ނާކާމިޔާބުވި ލޫޓޮން އޮތީ ކުޅުނު 25 މެޗުން ލިބުނު 20 ޕޮއިންޓާއެކު 18 ވަނައިގައެވެ.