ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެވެ.

މި ފަހުމުނާމާގެ ދަށުން ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރުމާއެކު ގއ. އަތޮޅުގައި ޓުއަރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީކުރެވޭނެއެވެ. އޭގެ ތެރޭގައި އިންޓެގްރޭޓަޑް ޓުއަރިޒަމް ޒޯން ތަރައްގީކުރުން ހިމެނެއެވެ.

މިއަދު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީކުރާއިރު ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސަރވް ޑޮލްމަންސެވެ.