ކުވެއިތުގެ ވަލީ ޢަހްދު، ޝެއިޚް ނަވާފް އަލް އަޙްމަދު އައްސަބާހް، އެގައުމުގެ އައު އަމީރުކަމުގައި އިޢްލާން ކޮށްފިއެވެ. އުމުރުފުޅުން 83 އަހަރުގެ ޝެއިޚް ނަވާފް ހުންނެވީ ކުވެއިތުގެ ސަލާމަތީ ބާރުތަކުގެ ވެރިއަކަށެވެ.

ޝެއިކް ނަވާފް ކުވެއިތުގެ ވަލީ ޢަހްދުގެ މަގާމަށް ވަޑައިގަތީ 2006 ގައި އޭނާގެ އެއްބަފާ ބޭބޭފުޅު އަވަހާރަވި އަމީރު، ކުވެއިތުގެ އަމީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ކުވެއިތުގައި ވެރިކަން ކުރަނީ ވެރިކަން ކުރާ އާއިލާގެ ދެ ގޮފި ކަމަށްވާ ސަބާހް އާއިލާއާއި ސާލިމް އާއިލާ ދެމެދު ބަހައިގެންނެވެ.

ކުވެއިތުގެ އައު ވަލީއަހްދަކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް އުމުރުފުޅުގެ ދޮށީކަމާއި ސިއްޙީ ހާލުކޮޅާ ހެދި އައު އަމީރުގެ ވަލީ ޢަހްދު ވެގެންދާނީ ޕޮލިސީ ފެންވަރުގައި މުހިންމު ބޭފުޅެއްގެ ގޮތުގައެވެ.

ކިޔާލަން: ކުވެއިތުގެ އަމީރު ޝެއިޚް ޞަބާޙުލް އަހްމަދު އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި އިއްޔެއެވެ.

ޝެއިޚް ނަވާފް އަމީރަކަށްވެވަޑައިގަތްކަން އިޢްލާން ކުރެއްވީ ކުވެއިތުގެ ދާޚިލީ ވަޒިރުއެވެ. ޝެއިޚް ނަވާފަށް މަގާމު ލިބިވަޑައިގަތީ ކުވެއިތުގެ ގާނޫނުއަސާސީއާ އެއްގޮތަށެވެ.

އަވަހާރަވި އަމިރާއި މިހާރުގެ އަމީރާ ދެބޭފުޅުންނަކީވެސް ކުވެއިތުން ތެޔޮ ފެނުމުގެ ކުރިން އުފަންވެ ވަޑައިގަތް ދެ ބޭފުޅުންނެވެ.

ޝެއިޚް ނަވާފް ވަނީ ވަރަށް ގިނަ ދުވަސްވަންދެން ދާޚިލީ ވަޒީރުކަން ކުރައްވާފައެވެ. އަދި އޭނާ އެމަގާމުގައި ހުންނަވަނިކޮށް، ވައިފޭރިގަތް ދެ ބޯޓެއްގެ މައްސަލާގައި ކާމިޔާބުކަމާއެކު ދެ ފަހަރު މަތިން އޭނާ ވަނީ ނެގޯޝިއޭޓްވެސް ކުރައްވާފައެވެ.

އިރާގްގެ ޑިކްޓޭޓަރ ސައްދާމް ޙުސެއިން ކުވެއިތަށް އެރީވެސް ޝެއިޚް ނަވާފް ޑިފެންސް މިނިސްޓަރގެ މަގާމުގައި ހުންނަވަނިކޮށެވެ. ޝެއިޚް ނަފާވްގެ އަންހެން ބޭފުޅަކާއި ހަތަރު ފިރިހެން ބޭފުޅުން ތިއްބަވައެވެ.