އަހަރެއް ވަންދެން ކޯމާއެއްގައި އޮތް އިރު ދެ ފަހަރު ކޮވިޑް-19 ޖެހުނު ނަމަވެސް ހޭއެރި އިރަކު މި ބަލީގެ އެއްވެސް ހަނދާނެއް މި ޒުވާނާ ނެތެވެ.

ކޮވިޑްގެ ސަބަބުން އިނގިރޭސި ވިލާތް ލޮކްޑައުން އަކަށް ދިއުމުގެ ތިން މަސް ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި އުމުރުން 19 އަހަރުގެ ޖޯސެފަށް ބޮޑެތި އަނިޔާ ލިބި ކޯމާއަކަށް ދިޔައެވެ.

އޭނާ އެއް އަހަރުވަން ދެން ކޯމާގައި އޮތެވެ. ކޮމާގައި އޭނާ އޮތް ދުވަސްވަރު ދެފަހަރު މަތީން އޭނާއަށް ކޮވިޑް-19 ޖެހުނެވެ. އެހެންނަމަވެސް އޭނާ ކޯމާއިން ހޭއެރިއިރު ބަލީގެ އެއްވެސް ހަނދާނެއް އޭނާގެ ނެތެވެ.

ޖޯސެފް ހޭއަރާފައި ވަނީ 11 މަސް ދުވަސް ވަނދެން ކޯމާއެއްގައި އޮތުމަށްފަހުއެވެ. އޭނާ މީހުންނަށް "ރެސްޕޮންޑު'' ކުރަނީ ހީލަމަކުން ނުވަތަ އެސްފިޔަ ޖަހަމުންނެވެ.

އެކްސިޑެންޓް ވިއިރު އޭނާ ދިޔައީ އޯލެވެލް އަށް ކިޔަވަމުންނެވެ. އެކްސިޑެންޓް ވުމުން އެންމެ ފުރަތަމަ އޭނާ ގެންދެވުނީ ލެއިސެސްޓަރ ޖެނެރަލް ހޮސްޕިޓަލަށެވެ. އެތަނުގައި ހަ މަސް ހޭދަ ކުރުމަށް ފަހު އޭނާ މީގެ ހަތަރުމަސް ކުރިން އެޑަރލޭ ގްރީން ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލު ކުރެވުނެވެ.

އޭނާއަށް ވަނީ ދެ ފަހަރު ކޮވިޑް 19 ޖެހިފައިއެވެ. އެންމެ ފުރަތަމަ ޖެހުނީ ކޯމާގައި އޮތް އިރެވެ. ދެން ޖެހުނީ ކޯމާއިން ހޭލެވުނު ފަހުންނެވެ. މި ދެފަހަރު ވެސް އޭނާ ވަނީ ކޮވިޑް 19 އިން ރަނގަޅު ވެފައެވެ.

އޭނާގެ ސިއްހީ ހާލަތު މިހާރު ދަނީ ރަނގަޅު ވަމުންނެވެ. ފާއިތުވެގެން މި ދިޔަ ދުވަސް ތަކުގައި އޭނާ ވަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އަތާއި ފައިގެ ހަރަކާތްތައް ވެސް ކޮށްފައެވެ.

ޖޯސެފް ގެ ބޮޑުދައިތަ ބުނާ ގޮތުން ޖޯސެފް މީހުންނާ ވާހަކަ ދައްކަނީ ލޮލުގެ އިޝާރާތުންނާއި ހީލުމުންނެވެ. އޭނާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ރަނގަޅުވަމުން ކަމަށާއި އެހެން ކަމުން އެމީހުން އެތިބީ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅު ވާނެ ކަމުގެ އުއްމީދުގައެވެ.

ކޮރޯނާ ވައިރަހުގެ ރިސްޓްރިކްޝަންސް ތަކުގެ ގެ ސަބަބުން ޖޯސެފް ގެ އާއިލާއަށް މިވަނީ އޭނާއަށް ޒިޔާރަކުރުމުގެ ފުރުސަތުވެސް ނުލިބިފައިއެވެ. އެހެން ކަމުން އެންމެން ވެސް އޭނާގެ ހާލު ބަލަނީ ފޭސްޓައިމް މެދުވެރިކޮށްކަމަށް ޖޯސެފްގެ ބޮޑު ދައިތަ ބުންޏެވެ. އެގޮތަށް އާއިލާ އަދި ރައްޓެހިންނަށް ގުޅައިލެވުމުން ޖޯސްފް ހުންނަނީ ވަރަށް އުފަލުން ކަމަށްވެސް އޭނާގެ ބޮޑުދާއިތަ ބުންޏެވެ.

ޖޯސްފްގެ މަންމަ ގެ ހިތަށް އެންމެ އަސަރު ކުރަނީ އެ މަންމައަށް ދަރިފުޅާއި ބައްދަލުނުވެވޭތީ ކަމަށް ވެސް ބޮޑުދައިތަ ވަނީ ބުނެފައިއެވެ. ޖޯސެފަށް އޭނާގެ މަންމައާ ބައްދަލުކުރަން ލިބިފައިވަނީ އޭނާގެ 19 ވަނަ އުފަންދުވަހު ކަމަށްވެއެވެ.

މީގެ އިތުރުން ޖޯސެފް ގެ ބޮޑުދައިތަ ބުނެފައިވާ ގޮތުގައި މި ބަލިމަޑުކަމާ ބެހޭ ގޮތުން ޖޯސެފަށް އެނގެނީ ކިހާވަރެއް ކަމެއް ނޭނގޭ ކަމަށެވެ. އެހެނީ މި މުޅި ޕެންޑެމިކް ތެރޭ ޖޯސެފް އޮތީ ކޯމާއެއްގައެވެ. ކޯމާއަށް ދާން ޖެހުނު މި އެކްސިޑެންޓުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއްވެސް އަދި ނޭނގޭ ކަމަށް ބޮޑުދައިތަ ބުނެފައިވެއެވެ.

ޖޯސެފްގެ ބޮޑުދާއިތަ ކިޔައިދީފައިވާ ގޮތުން މި އެކްސިޑެންޓުގެ ކުރިން ޖޯސެފަކީ ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. އޭނާ ނުކުޅޭ އެއްވެސް ކުޅިވަރެއް ވެސް ނެތް ކަމަށް ވެސް ބޮޑުދައިތަ ބުންޏެވެ. އެކްސިޑެންޓުވީ އިރު ޖޮސެފް ދިޔައި "ގޯލްޑް ޑޫކް އޮފް އެޑިން ބަރގް އެވޯރޑް" ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ޖޯސެފްގެ އެކުވެރިންނާއި އާއިލާއިންވަނީ އޭނާއަށް ކުރިއަށް އޮތްތަނުގައި ބޭނުންވާނެ ފަރުވާއަށްޓަކައި ފައިސާގެ ގޮތުން އެހީވާން ބޭނުންވާ މީހުންނަށް އެހީ ވެވޭނެ ހެން ފަންޑްރައިޒިން ޕޭޖެއް ހުޅުވާފައިއެވެ.