ކ. މާފުށީގައި މޫދަށްއެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރު ކައިރިން މީހަކު ގެނބިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އެ މީހާއަށް މާފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާއަކީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ މާފުށީގައި ޗުއްޓީ އަދާކުރަމުން ދިޔަ ފަތުރުވެރިއެކެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.