ސޭވްޑް ބައި ދަ ބެލް ގެ ތަރި ޑަސްޓިން މަރުވެފައި މިވަނީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވިއިރު އޭނާގެ އުމުރަކީ 44 އަހަރެވެ.

ޑަސްޓިންއަށް ކެންސަރު ޖެހިފައި ސްޓޭޖު 4 އާ ހަމައަށް ގޮސްފައިވާކަން އެނގުނީ މިދިޔަމަހު އޭނާގެ މުޅި ހަށިގަނޑަށް ތަދެއް ވައްދައިގެން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ހެދުމުންނެވެ. އޭރު ކެންސަރުހުރީ ސްޓޭޖު 4 ގައެވެ. ގަބޫލުކުރެވޭ ގޮތުގައި ޑަސްޓިންގެ ހާލަތު ގޯސްވެފައިވަނީ މިދިޔަ ހަފްތާގައި ކީމޯތެރެޕީ ނެގި ފަހުން ކަމަށްވެއެވެ.

ޑަސްޓިންގެ "ރިޕްރަޒެންޓިވް" ބުނާގޮތުގައި ޑަސްޓިންއަށް މާބޮޑު ތަކުލީފެއް ނުލިބި ފަސޭހަ މަރަކުން މަރުވުމުން އުފާވާ ކަމަށެވެ. 2000 ވަނަ އަހަރު ސޭވްޑް ބައި ދަ ބެލް ނިމުނު ފަހުން ޑަސްޓިންގެ ފިލްމީ ކެރިއަރއަށް ގިނަ ގޮންޖެހުތަކެއް ކުރިމަތިވިއެވެ. ފަހުން އޭނާވަނީ " ސެލެބްރިޓީ ފިޓް ކްލަބް" އަދި "ސެލެބްރިޓީ ބިގް ބްރަދާ "ފަދަ ރިއަލިޓީ ޝޯތަކުގައި ބައިވެރިފައެވެ.

ޑަސްޓިން ގެ މަރުގެ ޚަބަރު ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް މިހާތަނަށް އިވުނު ހިތާމަވެރި ޚަބަރަކަށެވެ. ޑަސްޓިންގެ ފޭނުންގެ އިތުރުން އޭނާއާއެކު މަސައްކަތްކުރި ތަރިން ވަނީ އޭނާގެ މަރުގެ ހިތާމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކޮށްފައެވެ.

މެރިއޯ ލޮޕޭޒް ޓުވީޓް ކޮށްފައިވަނީ އަބަދުވެސް ޑަސްޓިން މަތިން ހަނދާން ކުރާނެ ކަމަށާއި ހަޔާތުގެ ބައްތިއަކީ ކޮންމެ އިރަކުވެސް ނިވިގެން ގޮސްދާނެ އެއްޗެއް ކަމަށާއި އެއްވެސް މީހަކީ އަބަދު ހުންނާނެ މީހެއް ނޫން ކަމަށް ބުނެފައިވެއެވެ. މި ނޫންވެސް އިތުރު ތަރިން ވަނީ ޑަސްޓިންގެ މަރުގެ ހިތާމަ ކޮށްފައެވެ.

ޑަސްޓިންގެ ރިޕްރެޒެންޓިވް ބުނެފައިވާ ގޮތުގައި މާޒީގައި ކޮންމެ ގޮތަކަށް ޑަސްޓިން ކަންތައްކުރި ކަމުގައިވީ ނަމަވެސް އޭނާއަކީ މަޖާ މިޒާޖެއްގެ އެންމެންނާ ގުޅޭ ރަނގަޅު މީހެއް ކަމަށެވެ. ޑަސްޓިންގެ އެންމެ ބޮޑު ޕެޝަންއަކީ އަބަދުވެސް މީހުން ހެއްވުން ކަމަށް ވެސް ބުނެފައިވެއެވެ.

"އަހަރެމެން ބޭނުން ވަނީ މީހުންނަށް ޑަސްޓިން އަކީ ނުބައި މީހެއް ނޫންކަމަށާއި އޭނާ އަކީވެސް ހަމަ އަހަރުމެން ފަދައިން ބައެއްފަހަރު ގޯސް ހެދޭ މިހެއް ކަމަށް ވިސްނައިދޭން މީގެ އިތުރުން އޭނާއަކީ ހަޔާތުގައި ގިނަ ކަންކަން ދިމާވެ އެތަކެއް ހިތާމަ ބަރުދާސްތައް ކޮށްފއިވާ މީހެއް. އޭނާ އެހެން ކަންތައް ކޮށްފައިވަނީ ލިބުނު ހިތާމަތައް ބަރުދާސްތުކުރާނެ ގޮތެއް ނޭނގިގެން ކަމަށް ވިސްނައިދޭން،"

ހަގީގަތުގައި ޑަސްޓިން އަކީ ސަމާސާ ކުރަން ލޯބި ކުރާ މަޖާ މިޒާޖެއެއްގެ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެއް. އޭނާގެ އެންމެ ބޮޑު މަގުސަދަކީ އެންމެން ހެއްވުން. މީގެ އިތުރުން އޭނާއަކީ އެހެން މީހުންގެ އިހުސާސްތައް ދަންނަ މީހެއް،" ކަމަށްވެސް ބުނެފައިވެއެވެ.

1977 ވަނަ އަހަރު އުފަންވި ޑަސްޓިން ފިލްމް އިންޑަސްޓްރީއަށް ނިކުމެފައިވަނީ އުމުރުން އެންމެ 10 އަހަރުގައިއެވެ. އޭނާ ވަނީ "ސޭވްޑް ބައި ދަ ބެލް" އަދި "ދަ ވޮންޑަރ އިޔަރޒް " ފަދަ ގިނަ ޝޯތަކުގައި އޭނާގެ ހުނަރު ދައްކާފައެވެ.