މޭސަން ގްރީންވުޑްގެ ކުރިމަގާ މެދު ގޮތެއް ވިސްނާނީ އިންސާފުވެރިކަމާއެކު ކަމަށް ޔުނައިޓެޑުގެ އިސްވެރިޔަކަށް ދާދި ފަހުންވި ސާ ޖިމް ރެޓްކްލިފް ބުނެފިއެވެ.

ރެޓްކްލިފް މިހެން ބުނީ، ގްރީންވުޑް އޭނާގެ ލޯބިވެރިޔާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ޔުނައިޓެޑުން އޭނާ ސްކޮޑުން ބޭރުކޮށް، ސްޕެނިޝް ޓީމެއް ކަމުގައިވާ ގެޓާފޭއަށް ލޯނަށް ފޮނުވާލާފައިވާ ދަނޑިވަޅެއްގައެވެ.

"ގްރީންވުޑަކީ އަދިވެސް ޔުނައިޓެޑުގެ ކުޅުންތެރިޔެއް. އޭނާގެ ކުރިމަގާ މެދު ގޮތެއް ކަނޑައެޅުމަކީ އަހަރެމެންގެ ޒިންމާއެއް. މިހާތަނަށް އަދި އެއްވެސް ނިންމުމެއް އޭނާއާ މެދު ނިންމާފައެއް ނެތް. އަހަރެމެން ގޮތެއް ނިންމާއިރު ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ނޯންނާނެ ކަމުގެ ޔަގީންކަން އަހަރެން ދެން" ގްރީންވުޑްގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަމުން ރެޓްކްލިފް ބުންޏެވެ.

ގްރީންވުޑް މިވަގުތު ކުޅެމުން އަންނަނީ ސްޕެނިޝް ޓީމެއްކަމުގައިވާ ގެޓާފޭގައެވެ. އޭނާ ވަނީ ގެޓާފޭއަށް ޖުމްލަ 22 މެޗު ކުޅެދީ 7 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ގެޓާފޭގެ ރައީސް އޭންޖެލް ކޮރެއާ ވަނީ ގްރީންވުޑް އެކްލަބުގައި ދާއިމީ ގޮތެއްގައި ހުރުން އެދޭކަމަށް ހާމަކޮށްފައެވެ. ނަމަވެސް ގްރީންވުޑް ގެޓާފޭގައި ބެހެއްޓުމަށް އެކްލަބުން އެއްވެސް އަމަލީ މަސައްކަތެއް އަދި ކޮށްފައެއް ނުވެއެވެ.