ކުނި މެނޭޖުކުރުމުގެ 22 ފެބުރުވަރީ 2024، ރިފަރެންސް: 2024-201 ‎ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

އެކަމަނާ މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން އިއުލާނުކޮށްދެއްވުން އޮތެވެ.

‎ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް 'މަގޭ ސާފު ރާއްޖެ' އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވައުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމެކެވެ.

‎'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ މައިގަނޑު މަގަސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

‎މި ރަސްމިއްޔާތުގައި ކުނި ނެގުމަށް ހާއްސަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހީމެވެ.